ތަދުބީރު ކެހި ދިނީމާ...

ވިނަރެސް | 12 ޑިސެންބަރ 2020





ހިތްގައިމު އުޑުމަތި ސާފު ވައިމަޑު ދުވަހެކެވެ. އަސުރުގެ ހިތްގައިމު ވަގުތެވެ. ޒިޔާން ދަތުރުކުރަމުން އައި ލޯންޗު ރަށުގައި ބަނދަރުކުރަނީއެވެ. އާދައިގެ މަތީން ރަށުގެ ގިނަ ބަޔަކު ބަނދަރަށް އެއްވެފައި އޮތެވެ. ލޯންޗުން އަންނަ ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ އިސްތިގުބާލުގައެވެ. ލޯންޗު ބަނދަރު ކޮށްލުމާއެކު މީހުންތައް ފައިބަންފެށިއެވެ. ކޮންމެ މީހަކު ފޭބުމުންވެސް އެމީހެއްގެ އިސްތިގުބާލުކުރުމަށް އައިސްތިބި މީހުން އެމީހަކު ވަށާލައެވެ. އެހެނަސް ޒިޔާން ވީ ބީރައްޓެއްސަކަށެވެ. އަމިއްލަ ރަށުގައި ރަށުގެ އަހުލުވެރީން އޭނާ ދަންނަ ކަމަކަށް ނުހެދިއެވެ. އެކި މީހުން އެބަޔަކު ހުރިތަނެއްގައި ހުރެގެން ތުންތަޅުވަމުން އެއްޗެހިތަކެއް ކިޔައެވެ. އެމީހުންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމާއި ނަފްރަތެވެ. އެއީ މީގެ ދިހަ ވަރަކަށް އަހަރު ކުރިންވެސް ޒިޔާން ތަޖުރިބާ ކުރަންޖެހުނު ކަމެކެވެ. ހަމަ އެމަންޒަރެވެ. އެހެންކަމުން އެތާ މަޑުކޮށްލުމެއް ނެތި ރަށުތެރެއަށް ހިނގައިގަތެވެ

އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ވީރާނާކަށް މުޅި ގޯތިރެއަށް ވެރިވެފައިވެއެވެ. ގޭގައި މީހަކު ނޫޅޭތާ ގިނަދުވަސް ވުމުގެ ސަބަބުންނެވެ. ގޯތިތެރޭގައި ވަނީ ބޯވިނަގަސްތައް ފަޅާފައެވެ. ގޯތި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ނެތަތީއެވެ. ގެއަށް ވަދެވުމާއެކު ފުރަތަމަވެސް ޒިޔާންގެ ލޮލުގައި އަޅައިގަތީ ސިޓީން ރޫމްގައި ބަހައްޓާފައި ހުރި ތަސްވީރުގައެވެ. އެއީ އޭނަގެ ލޯބިވާ މަންމައާއި ބައްޕަގެ ތަސްވީރެވެ. ހިރަފުސް އަރާ ފުސްވެފައިވާ ފޮޓޯ ފުރޭމް ނަގައި ލައިގެން ހުރި ޓީޝާޓުން އިރަފުސް ފޮޅާލައި ސާފުކޮށްލިއެވެ. އަދި ފޮޓޯ ފުރޭމް މޭގައި ޖައްސާލައިގެން އެނދުގައި އޮށޯވެލިއެވެ.

ޒިޔާން އޭލެވެލް ނިންމި އަހަރު އޭނަގެ ބައްޕަ ނިޔާވެއްޖެއެވެ. ބަލިވެ އުޅެފައެވެ. ގަދަ ހުމެއް އައިސް އެހުން ރަގަނޅު ނުވެ އެގޮތަށް އޮވެ ނިޔާވެގެން ދިޔައީ މާލެ އަށް ފަރުވާއަށް ގެނައި ފަހުންނެވެ. ޒިޔާންގެ ހުރިހާކަމެއް ވެސް އެދުވަހަށް ފަހު ބަލަހައްޓަމުން އައީ އޭނާގެ މަންމަ އެވެ. މަންމަގެ ބުރަމަސައްކަތާއެކު، ޒިޔާން މަތީ ތަޢުލީމު ހާސިލްކުރުމަށް މާލެ ފޮނުވިއެވެ. އެމަންމަ ވާ ގުރުބާނީގެ ފޮނި މީރުކަން ހޯދައި ދިނުމަށް ޒިޔާން މާލެ އައިސް ގައުމީ ޔުނީވަރސިޓީން ބިޒްނަސް މެނޭޖްމަންޓްގެ ރޮގުން ޑިގްރީއަށް ކިޔަވަން ފެށިއެވެ. ކޮންމެ ސެމިސްޓާރ އަކުވެސް ރަގަނޅު ނަތީޖާތަކެއް ހޯދަމުން ދިޔައެވެ. އަހަރު ނިމި ޗުއްޓީ ލިބުމާއެކު އަވަސްވެ ގަންނަނީ ލޯބިވާ މަންމަ ކައިރިއަށް ރަށަށް އައުމަށެވެ.

ލިމްޝާ އާއި މެދު ޒިޔާންއަށް ވިސްނެން ފެށީ މިގޮތައް ޗުއްޓީގައި ރަށަށް އައިސް ހުރި ދުވަސްވަރެއްގައެވެ. ލިމްޝާ އަކީ ޒިޔާން އާއެކު އޭލެވް ހެދި ކުއްޖެކެވެ. އާއްމުކޮށް ހަވީރު ގަޑީގައި ގޭގައި މަގުމައްޗަށް ވާގޮތަށް ހުންނަ ޖޯލިފަތީގައި ޖައްސާލައިގެން އޮންނަ އިރު ލިމްޝާ އެމަގުން ދާތަން ފެންނެއެވެ. ގިނަ ދުވަސް ދުވަހު ދަނީ ރައްޓެހި ކޮންމެވެސް ކުދިންތަކަކާ އެކުއެވެ. އެހެންކަމުން ޒިޔާނަކަށް ވާހަކަ ދައްކާކަށް ނުކެރެއެވެ. ޒިޔާން ހުންނަނީ ހިތާހިތުން އެފަދަ ފުރުސަތެއް ލިބޭތޯ ދުޢާ ކޮށްލަ ކޮށްލައެވެ. މިގޮތަށް މާގިނަ ދުވަހަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އެއްދުވަހެއްގެ ހަވީރު ލިމްޝާ އެކަނި ދާތަން ފެނުނެވެ. ނަސީބު ދިމާކުރި ގޮތުން މަންމަވެސް އެދުވަހު ގެއަކު ނޫޅެއެވެ. ވަރަށް ހިތްވަރު ކޮށްފައި ޒިޔާން ގޮވާލިއެވެ.

" ލިމްޝާ .... މިހާރު ދަންނަ ކަމަށް ވެސް ނުހަދާ ދޯ "
" އޭނ... ޒިޔާން ދޯ .... ދަންނަކަމަށް ނުހަދަނީ އަހަރެއްތަ....... މިމަގުން ކިތައްދުވަހު މިދަނީ ގައިމު ޒިޔާން ގޮވާވެސް ނުލާ " ޒިޔާން އާއި ދިމާއަށް އަންނަމުން ލިމްޝާ ބުނެލިއެވެ. ޒިޔާން ހިތައްއެރިއެވެ. އެބުނީސް ދޮގެއް ނޫނެވެ. އަންހެން ކުއްޖަކާ އިސްވެ ވާހަކަ ދައްކަން ކެރެން ވާނެއެވެ. އެކުދިން އިސްވެ ވާހަކަ ދައްކާނެކަމަށް ހުރެއްޖެ ނަމަ، ބޭނުންވާ ކަންތައް ހާސިލެއް ނުވާނެއެވެ.

" އާނ ދޯ.. ރައްޓެހިންނާއެކު ދާތީވެ ގޮވާލަން ނުކެރެނީ.... ކޮބާ ކިހިނެއްތަ ކަންތައްތައް.."
" ދެން ގޯހެއްނޫން ........ ރަގަނޅު ހަމަ،،،،،..... ޒިޔާންގެ ކޯސް ކިހިނެއްވަނީ ........ އަހަންނަށް ވީއްޔަ އެނަސީބުވެސް ނެތީ " ދެރަވެފައި ލިމްޝާ ބުންޏެވެ.

" ކޯސް ވަރަށް ރަގަނޅު......... ލިމްޝާ އަށް ވެސް އަދި ފުރުސަތު ލިބޭނެ........ އުންމީދު ކުރަންޏާ ކޮންމެސް ދުވަހަކުން އެކަމެއް ހާސިލް ވާނެ....... " ޒިޔާން ބުންނެވެ
" އާން ދޯ ތިކަންވެސް އޮތީ ތިހެން....... ޒިޔާން ދަނީއްޔޭ އިނގޭ ......... މަންމަ ބުނެގެން އެއްޗެއް ބަލައި ބޮޑުދައިތަމެން ގެއަށް މިދަނީ ...... " ލިމްޝަ ހިނގައިގަތެވެ.
" ލިމް.. ލިމްޝާ މިރޭ ބައްދަލުކޮށްލެވިދާނެތަ......... " ލިމްޝާ ހިނގައިގަތުމުން ވަރަށް ހިތްވަރުކޮށްފައި ޒިޔާން އެހިއެވެ.
" ޒިޔާންގެ އަޑަށް ހުއްޓިފައި .... ޒިޔާންއާއި ދިމާއަށް ބަލައިލަމުން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. " މިރޭ ނުވައެއް ޖަހާއިރަށް ދާނަން ތިގޭ ދޮށަށް ....... އޯކޭ " ލިމްޝާ ބޯޖަހާލުމުން ޒިޔާން ބުންޏެވެ.
" އޯކޭ " ލިމްޝާ އެއް ބަސްވުމުން ޒިޔާން ވަރަށް އުފާވިއެވެ.

ލިމްޝާ އާއެކު ޒިޔާންގެ ލޯބީގެ ހަޔާތުގެ ފެށުމަކީ އެއީއެވެ. އެރޭގެ ބައްދަލުވުމެވެ. އެރެއަށްފަހު ދެމީހުންގެ ލޯބީގެ ގުޅުންތައް ދިޔައީ ބަދަހިވަމުންނެވެ. ގުޅުން ވަރުގަދަވަމުންނެވެ. އެގުޅުންވީ ޒިޔާންގެ މަންމަވެސް ނުހަނު ރުހޭ ގުޅުމަކަށެވެ. އެއީ ޒިޔާންގެ ހިތަށް ލިބުނު އިތުރު ހިތްހަމަ ޖެހުމެކެވެ. މަންމަގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރުމަށް އަޒުމްކަނޑައަޅައިގެން ހުރީތީއެވެ. އާދަކާދަޔާއި އެއްގޮތަށް ޒިޔާންމެންގެ ގުޅުމުގެ ވާހަކަވެސް ރަށުތެރޭގައި ފެތުރިގެން ދިޔައެވެ.
އެގުޅުމަށް މަރުހަބާކިޔާ މީހުންނާއި ހަސަދަވެރިވާ މީހުންވެސް ތިއްބެވެ. ދުރު ދުރުން އެކިއެކި ވާހަކަތައް ޒިޔާންމެންގެ ކަންފަތަށް ފޯރަމުން ދިޔަ ނަމަވެސް އެކަމާ ދެމީހުންކުރެ އެކަކުވެސް އަޅާނުލުމަށް ނިންމިއެވެ. ޒިޔާން އަށް ލިމްޝާގެ ލޯބި ހާސިލްވުމުން އެންމެ ނަފްރަތު ކުރީ ރިޒްވާނެވެ. ލިމްޝާގެ ކަންތައް ހިތުއަޅައިގެން އެވާހަކަ ނުބުނެވި އުޅެނިކޮށް ފެނުނީ އޭނާގެ އުންމީދުތައް ޒިޔާން ވިއްސިވިހާލި ކޮށްލިތަނެވެ. އެކަމުގެ ހަސަދަވެރިކަން ރިޒްވާންގެ ހިތުގައި ބިންވަޅުނެގިގެން ދިޔައެވެ. ކޮންމެ ގޮތަކުންވެސް ލިމްޝާ ކާމިޔާބުކުރުމަށް ރިޒްވާން ބޭނުންވިއެވެ. އެއީ ކޮންމެ ގޮތަކުން ކަމުގައި ނަމަވެސް މެއެވެ.

ޒިޔާން ނިންމައިގެން ހުރީ ކޯސް ނިމުނުހާ އަވަހަކަށް ލިމްޝާއާއި އިނުމަށެވެ. މަންމަގެ ވެސް އެނދުމަކީ އެއީ ކަމުގައި ވާތީއެވެ. ޒިޔާން ރަށުން ފުރީ އެފޮނި އުންމީދުތަކާއެކުއެވެ. ލިމްޝާ އޭނާގެ މިލްކަކަށް ހެދުމަށް ވަރަށް އަވަހަށް އަންނާނެން ކަމުގެ އަހުދުތައް ވުމަށް ފަހުގައެވެ. ޒިޔާން ލޯންޗަށް އަރަންދެން ބަނދަރުމަތީގައި ލިމްޝާ ހުއްޓެވެ. ހިނިތުންވުމާއެކު އެވެ.

ދުވަސްތައް މާޒީއާއި އެކުވެގެން ދެއެވެ. ފޯނު ކުރުމާއި ޗެޓް ކުރުމުގައި ވަގުތު ހޭދަކުރަމުން ދިޔަ ނަމަވެސް ޒިޔާން އެނާގެ މަގްސަދު ހަދާން ނައްތާނުލައެވެ. ކިޔެވުމަށް ސަމާލުކަން ދިނެވެ. އޭނާގެ ކުރިމަގު އުޖާލާކުރާނެ ޕްލޭންނަށް ރާވަމުން ދިޔައެވެ. އުންމީދީ ތަދުބީރުތައް އަބަދުމެ ޒިޔާންގެ ކުރިމަތީގައި ސިފަވަމުން ދެއެވެ. އަހަރެއް ފާއިތުވީ ގޮތް ވެސް ނޭންގުނެވެ. ކޯސް ނިމިއްޖެއެވެ. ޒިޔާން އުންމީދުތައް ހާސިލްވިއެވެ. މަންމަގެ އުންމީދުތައް ފުރިހަމަކޮށްދެވުނެވެ. ރަގަނޅު ނަތީޖާއަކުން ފާސްވިއެވެ. ދެން އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތެވެ. މަންމަ އާއި ލިމްޝާ ދުށުމަށް ކެތްމަދުވެފައި ހުރި ޒިޔާން ލޯންޗް ޓިކެޓް ބުކްކޮށްލިއެވެ. ރަށަށް ދާންވާއިރަށް ބާޒާރުކޮށް މަންމަ އަށް ފޮތި ގަނޑަކާއި ލިމްޝާއަށް އަނގޮޓިއެއް ގަތެވެ.

ޒިޔާން ބޭނުންވީ މަންމައަށާއި ލިމްޝާއަށްވެސް ނާންގައި ރަށަށް ދިއުމަށެވެ. ޝަޕްރައިޒެއް ދިނުމަށެވެ. ލޯންޗު ކައިރީގައި މަޑުކޮށްލައިގެން ހުއްޓާ ރަށުކުއްޖެއް އައިސް ކޮތަޅެއް ދިއްކޮއްލުމަށްފަހު އެގެންދެވިދާނެތޯ އެހިއެވެ. ކާކަށް ގެންދާ އެއްޗެއްތޯ އެހުމުން ހަސަންޓެއަށް ކަމަށާއި ލޯންޗު ދޮށަށް ބަލައި އަންނާނެ ކަމުގައި ބުނުމުން އެކޮތަޅާއި ޒިޔާން ހަވާލުވިއެވެ. ޒިޔާން ކޮތަޅާއި ހަވާލުކުރި ކުއްޖާ ގޮސް އެރީ ރިޒްވާންގެ ސައިކަލުގެ ފަހަތަށެވެ. ސައިކަލު ދުއްވާލަމުން މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ރަގަނޅު ލަގާއެއް ލިބޭނެއޭ ރިޒްވާން ބުންޏެވެ. ރިޒްވާނާއި ބައިވެރިވުމުގެ ގޮތުން އެޒުވާނާވެސް ހުނުމުގައި ބައިވެރިވިއެވެ.

ތިންގަޑިއިރުގެ ދަތުރަކަށްފަހު ލޯންޗު ރަށުގެ ބަނދަރާއި ގާތްކޮށްލުމާއެކު، ޕޮލިހުންގެ ޓީމެއް ލޯންޗު ކައިރިއަށް އައިސް ހުރިހާ ޕަސެންޖަރުން ފައިބައި އެމީހެއްގަނައި އެއްޗެކާއި ހަވާލުވެގެން މަޑުކޮށްލުމަށް އަމުރު ކުރިއެވެ. ދެން ފަހަރަކު މީހަކު ޗެކްކުރަމުން ގެންދިޔައެވެ. އެމީހުން ގަނައި ލަގެޖްތައްވެސް މެއެވެ. ލޯންޗު ދޮށުގައި ޕޮލިހުން ހަރަކާތްތެރިވާކަމުގެ ޚަބަރު ރަށުތެރެއަށް ދިއުމާއެކު ރަށުގެ ކުޑަ ބޮޑު އެންމެން ހެން އެތަނަށް ޖަމާވެ މަންޒަރު ބަލަން އެކި ދިމަދިމާގައި މަޑުކޮށްލައިގެން ތިއްބެވެ. ޒިޔާންގެ މަންމަ އާއި ލިމްޝާވެސް އެތާ ތިއްބެވެ. އެކިމީހުން ވަކިވަކިން ޗެކްކުރަމުން ގޮސް ޒިޔާން ޗެކްކުރަން ފެށިއެވެ. ލައިގެން ހުރި އެއްޗެހި ޗެކްކުރުމަށްފަހު، އަތުގައި އޮތް ކޮތަޅު ނަގައި އޭގައި ޕާރުސަލު ކަނޑަންފެށުމުން ތިޔައީ ކުއްޖަކު ހަސަންޓޭއާއި ހަވާލުކުރުމަށް ދިންއެއްޗެއް ކަމަށް ޒިޔާން ބުންޏެވެ. މިހެން ބުނުމުން ތިޔަ ހަސަންޓޭ އެއް މިތާއެނބަހުރިހޭ އެހުމުން ޒިޔާން ދެފަރާތް ހޯދާ ބަލާލުމަށްފަހު ހަސަންޓޭއަށް އިޝާރާތް ކޮށްލިއެވެ. ހަމަ އެވަގުތު ޕޮލިސް ކުއްޖަކު ހަސަންޓޭ އެތަނަށް ގެނެސްފިއެވެ. ހަސަންޓޭ ކައިރީ އެއީ އޭނާގެ އެއްޗެއްތޯ ނޫނީ އޭނާއާއި ހަވާލުކުރަން ފޮނުވި އެއްޗެއްތޯ އެހުމުން އެނގޭކަމަށްވެސް ނުހެދިއެވެ. ތިޔަ ގެނައި ކުއްޖަކާއި ނިކަންގުޅާބަލާށޭ ބުނުމުން އެއީ ކާކުކަން ނޭންގޭ ކަމަށާއި ލޯންޗުދޮށުން އޭނާއާއި ހަވާލުކުރި އެއްޗެއް ކަމުގައި ޒިޔާން ބުންޏެވެ.

ޒިޔާންއަށް އެއީ އޭނާގެ އެއްޗެއް ނޫންކަން ސާބިތު ނުކޮށްދެވުމުން، ޕޮލިހުން އެޕާރުސަލް ކަނޑައިގެން ބެލިއިރު އޭނގައި ވަނީ މަސްތުވާ ތަކެއްޗަށް ސައްކުކުރެވޭ ބާވަތެއްގެ ކުދި ރަބަރު ޕެކެޓުތަކެކެވެ. އެހެންކަމުން ޕޮލިހުން އެންގީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭތީ ޒިޔާން ޕޮލިހުންގެ ބަންދަން ގެންދަނީކަމަށް ބުނެ ފަހަތަށް ބިޑިއެޅުވިއެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި މަންމައަށް ކެތެއް ނުވިއެވެ. ރޮމުން ދަރިފުޅާދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް އައެވެ. ދަރިފުޅުތިކުރީ ކީއްހޭ ކިޔަމުންނެވެ. މަންމަގެ ހުރިހާ އުންމީދެއް ފެނަން ހަދާލީ ނޫންހޭ ކިޔަމުންނެވެ. ޒިޔާން ވެސް ރޮމުން ދިޔައެވެ. އެއީ އޭނާ ކުރިކަމެއް ނޫންކަމުގައި ބުނަމުން ދިޔައެވެ. އެހެނަސް އެކަން މިއަދު ގަބޫލުކުރަނާނީ ކާކު ހެއްޔެވެ، ހުދު ޒިޔާންގެ މަންމަވެސް އެވާހަކަތައް ގަބޫލު ނުކުރިއެވެ. ތިޔައީ އަހަރެން ހީކުރިކަހަލަ، އުންމީދު ކުރި ކަހަލަ ދަރިއެއް ނޫން ކަމަށާއި ދެން ދުވަހަކުވެސް ޒިޔާންގެ މޫނު ދެކެންވެސް ބޭނުން ނޫންކަމަށް ބުނީ ގިސްލަމުން ނެވެ. ޕޮލިހުންގެ ލޯންޗަށް އަރުވައިގެން އަތޮޅު ޕޮލިސް ސްޓޭޝަން ހުންނަ ދިއްދުވަށް ލޯންޗު މިސްރާބު ކޮށްލިވަގުތު ޒިޔާން އޭނާގެ މަންމައާއި ދިމާއަށް ރޮވިފައިހުރި ހާލު ބަލައިލިއެވެ. އޭރު މަންމަ ވެއްޓެނީއެވެ. ކޮންމެވެސްކަމެއް މަންމައަށް ވީކަމުގައި ޒިޔާން ހިތާހިތުން ކިޔާލިއެވެ. މަން... މަންމާ އޭކިޔާ ގޮވައިލެވުނެވެ.

ޒިޔާން ގެންދެވުނީ ދިއްދޫގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ވަގުތީގޮތުން ކުއްވެރިން ބަހައްޓަން ތައްޔާރުކޮށްފައި ހުރި ޖަލަކަށެވެ. އެރެއަކު އެއްވެސް ސުވާލެއް އޭނައާއި އަމާޒެއް ނުވެއެވެ. ކެއުމަށް މުގުރިހައާއި ބަތް ގެނައި ނަމަވެސް ވެފައި ހުރި ދެރައެއްގެ ބޮޑުކަމުން އަރުން އެންމެ ސުވަލެއްވެސް އެތެރެއެއް ނުވިއެވެ
.
ޖެހިގެން އައި ދުވަހު ޒިޔާންއަށް ހޭލެވުނީ ޕޮލިހަކު ގޮވުމުންނެވެ. އަވަހަށް ތައްޔާރުވުމަށް އޭނާ ބުންޏެވެ. ވާންމިއުޅެނީ ކިހިނެއްކަމެއް ނޭންގޭ ހާލު ވަރަށް އަވަހަށް ތައްޔާރުވެލިއެވެ. އޭނާ ގެންދިޔައީ ފުދޭވަރެއްގެ ތަނަވަސް ކޮޓަރިއަކަށެވެ. ޕޮލިހުންގެ ދެއޮފިޝަރުން އެތާ ހުއްޓެވެ. ޒިޔާން ވެދުމުން އެކިކަހަލަ ވާހަކަތައް ދެއްކިއެވެ. ޒިޔާންގެ ހަޔާތުގެ ވާހަކަތައް އޮޅުން ފިލުވިއެވެ. މިގޮތުގައި ފަސްވަރަކަށް މިނެޓް ވީފަހުން ޕޮލިހުންގެ އޮފިޝަރުންގެ ތެރެއިން އެކަކު މިއުޅެނީ ޒިޔާން ރަށަށް ގެންދަންކަމަށް ބުންޏެވެ. ޒިޔާންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔަ ނަމަވެސް ހަމަ އެހިދު ދެން އިވުނު ވާހަކައިން އޭނާ މޭގަނޑު އަތަށް އައި ކަހަލައެވެ. ހަތަރު އުދަރެސް ފެނު ޖެހުނުވެ. ގިސްލަ ގިސްލާފައި ބާރަށް ރޮއިގަނެވުނެވެ. ކުރިމަތީގައި ހުރި މޭޒުގައި ދެއަތުން ތަޅައި ގަނެވުނެވެ. އޭނާއަށް ހުރެވުނީ ކޮންތާކު ކަންވެސް ނޭންގުނެވެ. ވާނީވެސް އެހެންނެވެ. އޭނާގެ ހަމައެކަނި ހުރި ފަރާތް މުޅި އުމުރަށް އޭނާއާއި ވަކިވެގެން ދިޔައީއެވެ. އޭނާ ނުކުރާ ކުށެއްގައި ބަންދުވެ މުޅި ރަށަށް ބަދުނާމުވުމުން އެމައިލަގޮޑިއަށް ގެންނުވީއެވެ. ހާޓްއެޓޭކެއްޖެހި ފަރުވާ ދޭނެ ވަގުތެއް ނުލިބި ނިޔައުވީއެވެ.

ޒިޔާން ސިއްސައިގެން ދިޔައީ މީހަކު ގޮވާލުމުންނެވެ. ލޯމަރާލައިގެން ނިއްކުރިމަތީގައި އަތްވިއްދާލައިގެން އޮތް ޒިޔާން ލޯ ހުޅުވާލައި، ކަރުނުން ފުސްވެފައިވާ ލޯ ފުހެލަމުން ބަލައިލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ ސިޔާންއެވެ.

" އަހަރެން ހީކުރީ ސިޔާންވެސް މިހާރު ..." ޒިޔާން ބުނަން އުޅުން ޖުމްލަ ހުއްޓުވީ ސިޔާންއެވެ. އެކަކު އިތުބާރު ނުކުރިއަށް އޭނާގެ ފުރިހަމަ އިތުބާރު އަބަދުވެސް ރަހުމަތްތެރިޔާއަށް އޮންނަ ކަމަށް ބުންޏެވެ. އަދި ކެއުމުގެ ކަންތައް ހަމަޖައްސަންވާނީ އެގެއިންކަމުގައި ބުނެފައި ކޮންމެ ދުވަހަކުވެސް ބަލައި އަންނާނެކަމަށް ބުންޏެވެ.

ސިޔާން އަށް އެނގިފައިވާ ހުރިހާ ވާހަކައެއް ޒިޔާންއަށް ކިޔައިދިނެވެ. ޒިޔާންއަށް ލަނޑުދިނީ ރިޒްވާން ކަމާއި އެކަން ކުރީ ލިމްޝާ ހާސިލް ކުރަން ކަމުގައި ބުންޏެވެ. އަދި ރިޒްވާނާއި ކައިވެނިކޮށްގެން ލިމްޝާ އުޅެނީ ވަރަށް ހާލުގައި ކަމަށާއި، އެހެން ނަމަވެސް ޒިޔާން އަށް ލަނޑުދިނީ ރިޒްވާންކަމަށް ލިމްޝާ ގަބޫލު ނުކުރާކަމަށް ބުންޏެވެ.

" ތަގުދީރުގައި ލިމްޝާ އަހަންނަށް ލިބެންނެތީ .........ހަޔާތުގެ އެސަފްހާ ދެން ހުޅުވުމުގެ ބޭނުމެއް ނެތް.......... ލިމްޝާވެސް އެވަނީ ދިރިއުޅުމެއް ފަށާފައި .... އެދިރިއުޅުމުގެ ހަލާކު ކޮށްލަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް...... ލިބުނު ފިލާވަޅުން އިބުރަތް ހާސިލްކޮށްގެން މުސްތަގުބަލު އުޖާލާކުރުން އަހަރެންގެ ހުރިހާވެސް އުންމީދަކީ......... އިރާދަކުރެއްވީއްޔާ ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވާނަން........... އުފާވެރި ހަޔާތެއް ބިނާކުރާނަން...." ހިތާމައާއި މޮޅިވެރިކަން އެކުލެވުނަސް ޒިޔާންގެ އަޒުމްވަރުގަދައެވެ.

މާޒީން ލިބުނު ފިކާވަޅުތަކުން މުސްތަޤުބަލު އުޖާލާ ކުރުމަކީ ޒިޔާންގެ އުންމީދެވެ. ޒިޔާންގެ އަޒުމަކީ ރަގަނޅު ދިރިއުޅުމެއް ބިނާކުރުމުމެވެ. ހަޔާތުގައި ވޭތުވެގެންދިޔަ ކަންތައްތައް މަތިން ހަދާން ނައްތާލުމަށްފަހު، އުޖާލާ މުސްތަގުބަލެއް ހާސިލްކުރުމެވެ. އެކަމުގައި ޒިޔާނަށް މިއަދު ހިތްވަރު ދޭން ހުރީ ސިޔާންއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ތަދުބީރު އަބަދު ކެހިދޭނެ ކަމަށް ޒިޔާން ގަބޫލެއް ނުކުރެއެވެ.
- ނިމުނީ -


ކިޔުންތެރިންގެ ޚިޔާލު...


ނަން :