ތުޅާދޫ އެއާޕޯޓު ކުރެހުމެއް

ތުޅާދޫގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަން އިޢްލާން ކޮށްފި

ހިތާދޫ އޮންލައިން | 31 ޖަނަވަރީ 2021

ބ.ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާނު ކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން، ބ. ތުޅާދު އާއި ތ. ވިލުފުއްޓާއި ށ. ބިލެތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓު އަޅަން ޝައުގުވެރިވާ ފަރާތްތަކުން “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް އެދި އީއޯއައި ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތްތަކަށް އީއޯއައި ހުށަހަޅާއިރު އެއް އެއް ފަރާތަކުން އެއަށްވުރެ އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއްކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތައް ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ލިބޭނެ ކަމަށް ވެސް ފިނޭންސްގެ އިއުލާނުގައި ވަނީ ބުނެފަ އެވެ. ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ކަން ޔަގީންކުރަން ޖެހޭނެ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :